ދިވެހި ޘަޤާފަތް
ދިރުވަން ޖެހޭ!
ދިވެހި ޘަޤާފަތް ދިރުވަން ޖެހެއެވެ. އެއީ
ކޮންމެ ހެންވެސް ކުރަން ޖެހޭ ކަމެކެވެ. ދިވެހި ޘަޤާފަތުގައި ހިމެނެނީ ހެދުން
އެކަންޏެއް ނޫނެވެ. ޘަޤާފީ ކުޅިވަރާއި ކެއުމާއި މަސައްކަތް ތެރިކަން ވެސް
ހިމެނެއެވެ. ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ ދިވެހި ޘަޤާފަތް
އަންނަންއޮތް ޖީލާހަމައަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ ކަންތައް
ކުރަންޖެހެއެވެ.
ދިވެހި ޘަޤާފަތުގެ ތެރޭގައި ހިމެނޭ އެންމެ
މުހިއްމު އެއް ބަހާއަކީ ޘަޤާފީ ކުޅިވަރު ކަމީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ.
ދިވެހި ޘަޤާފީ ކުޅިވަރުގެ ރޫޙު އިތުރުކޮށް ފުޅާކުރުމަށް އެންމެ ބޮޑު ދައުރެއް
އަދާކުރެވޭނީ ތަޢްލީމީ ނިޠާމުގެ ތެރެއިންނެވެ. މި ކުޅިވަރު ދިރުވައި އާލާކުރުމުގެ
ގޮތުން ސްކޫލު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި މުބާތްރާތްތައް ކުރިއަށް
ގެންދެވިދާނެއެވެ. އޭރުން ކުދިންގެ ހިތުގައި ޘަޤާފީ ކުޅިވަރަށް އޮންނަ
ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. އެފަދަ މުބާރަތްތަކުގެ ތެރެއިން ޘަޤާފީކުޅިވަރުތައް
އާލާވެގެންދާނެވެ.
ދިވެހި ޘަޤާފީ ކެއުމަކީ އަބަދުވެސް
ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު ކެއުމެކެވެ. ނަމަވެސް ދިވެހި ޘަޤާފީ ކެއުމަށް
މީހުންގެ ހިތުގައި އޮތް ލޯބި ވެސް މަޑުމަޑުން ފަނޑުވަމުންދާ ކަން އެކި އެކި
ހަފްލާތަކަށް ދިއުމުން އެނގިގެން ދެއެވެ. ދިވެހިންގެ ފަޚުރެއް ކަމުގައިވާ ދިވެހި
ކެއުން ދިރުވައި އާލާކުރުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކުން ބާއްވާ ތަފާތު
ހަފުލާ ތަކުގައްޔާއި ކައިވެނި ޕާޓީތަކާއި ޚިތާނީ ޕާޓީ ތަކުގައި ހެދިކާ ފަދަ
ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުގެ ބަދަލުގައި ޘަޤާފީ ކެއުން ބެހެއްޓިދާނެވެ.
އޭރުން ޘަޤާފީ ކެއުމަށް މީހުންގެ ހިތުގައި އޮންނަ ލޯބި އިތުރުވެގެންދާނެއެވެ.
ރަސްމީ ހެދުމުގެ ގޮތުގައި
ފާސްކޮށްފައިވާ ދިވެހި ހެދުން މިހާރު ލައި އުޅެނީ ވަކި ދުވަސް ތަކެއްގައި
އެކަންޏެވެ. ހަމަ އެކަނި ޙަފްލާއެއްގައި ފޮޓޯއެއް ނެގުމަށް ފަހު އެ ހެދުންތަކުގެ
މާ ބޮޑު ބޭނުމެއް ހިފާތަނެއް ނުފެނެއެވެ. ދިވެހި ވަންތަކަން ރަމްޒުކޮށްދޭ ދިވެހިންގެ
ޘަޤާފީ ހެދުން ދިރުވައި އާލާކުރުމުގެ ގޮތުން ސުކޫލުގެ ޔުނިފޯރމު ތަކާއި
އޮފީސްތަކުގެ ޔުނިފޯމުތަކުގައި ޘަޤާފީ ކުލަވަރު ޖެއްސިދާނެއެވެ. މީގެއިތުރުން ޢީދު
ދުވަސް ފަދަ ދުވަސްތަކުގައި ޘަޤާފީ ހެދުން ލާގޮތަށް ވެސް ހަމަޖެއްސިދާނެއެވެ.
އޭރުން ޘަޤާފީ ހެދުމަށް ލޯބުކުރާ މީހުން އިތުރުވެގެން ދާނެއެވެ.
އެބައެއްގެ ޘަޤާފަތް ރައްކާތެރިކުރެވޭނީ އެބަޔަކަށެވެ. ވީމާ ދިވެހި
ޘާޤާފަތް މާދަމާގެ ޖީލާ ހަމަޔަށް ވާޞިލުކޮށްދިނުމުގެ ގޮތުން ޘަޤާފީ ކުޅިވަރާއި
ޘަޤާފީ ކެއުމާއި ހެދުން ދިރުވުމަށްޓަކައި ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް
ކުރަން ޖެހެއެވެ. ދިވެހި ޘަޤާފަތް އެއީ ދިވެހިންގެ އަމިއްލަ ވަންތަކަމާއި
އެމީހުންނަކީ ކޮން ބައެއްކަން ފާހަނގަ ކޮށްދޭ އެއްމެ މުހިއްމު އެއް ނިޝާނެވެ.