ދަރިފުޅު އިންޓަނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިކަން
ޔަގީން ކުރަނީ ކިހިނެއް ހެއްޔެވެ؟
މި ޒަމާނުގައި ހުރިހާ އުމުރުފުރާއެއްގެ މީހުން އިންޓަނެޓް ބޭނުންކުރުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. އާއްމު އުސޫލަކުން ބަލާއިރު ކޮންމެ ކޮންމެ ކުއްޖެއްގެ އަތުގައި އިންޓަނެޓުގެ ކޮންމެވެސް ވަސީލަތެއް އޮވެއެވެ. މިއީ އެ ކުދިން މީސްމީޑިއާއަށް ހުޅުވައިދޭ ދޮރަކަށް ވާއިރު އެ ކުދިން އެ އެއްޗެހި ބޭނުންކުރާ ގޮތް ބެލުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ވީމާ ދަރިފުޅު ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތަކުގެ ކޮންޓޮރޯލް އޮންނަން ވަނީ ބެލެނިވެރިންގެ އަތުގައި ކަމާއި، އެކުދިން އިންޓަނެޓު ބޭނުންކުރުމަށް ވަކި ގަޑިތައް ކަނޑައެޅުމާއެކު، ރައްކާތެރި ގޮތެއްގައި އިންޓަނެޓު ބޭނުންކުރަންވާގޮތް ބުނެދިނުމުގެ އިތުރުން އިންޓަނެޓުގެ ބޭނުންހިފަން ދަރިފުޅު ހުންނަން ވާނީ ހާމަތަނެއް ގައިކަން ޔަޤީން ކުރުމަކީ ބޭނުންތެރިކަމެކެވެ.
ޕޭރެންޓަލް ކޮންޓްރޯލް ގާއިމްކުރުން
ދަރިފުޅު އިންޓަނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތަކަށްކަން ކަށަވަރު ކުރުމުގެ ގޮތުން އިންޓަނެޓަކީ ބެލެނިވެރިޔާގެ ބެލުމުގެ ދަށުގައި ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ މުހިއްމުކަމެކެވެ. މީގެ ސަބަބުން ދަރިފުޅު އިންޓަނެޓުގެ ބޭނުން ހިފަނީ ކޮންގޮތަކަށްކަން ބެލުމަށް ފަސޭހަވެގެންދާނެއެވެ. މިކަން މިހެން ނުވާނަމަ އިންޓަނެޓުގެ ސަބަބުން ދަރިފުޅުގެ އަޚްލާޤަށާއި ބަހުރުވައަށް ބަދަލުއައިސް ދީނާ ދުރުވާން ފަށާނެއެވެ. ޗައިނާގައި ސައިންސްވެރިން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގައި ނަފްސާނީ ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އިންޓަނެޓުގެ ސަބަބުން މިބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. އެހެންކަމުން ދަރިފުޅު ބޭނުންކުރާ އިންޓަނެޓު މައިންބަފައިންގެ އަތްދަށަށް ގެނައުމަކީ އެދަރިފުޅު އިންޓަނެޓުގެ ބޭނުން ހިފާ ގޮތް ދަނެގަނެވޭނެ ކަމެކެވެ.
އިންޓަނެޓް ބޭނުންކުރުމުގައި ވަކި ގަޑިތައް ކަނޑައެޅުން
ދަރިފުޅަށް ރައްކާތެރި ގޮތަކަށް އިންޓަނެޓުގެ ބޭނުން ކުރެވޭނީ އިންޓަނެޓް ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައަޅައިގެންނެވެ. އެއީ އިންޓަނެޓު ކުޅުމުގައި ވަކި މިންގަނޑެއް ނުވަތަ ވަކި މިންވަރެއް ކަނޑަނާޅާ ނަމަ ކުއްޖާގެ ހުރިހާ ވަގުތެއް ހޭދަކުރެވޭނީ އޭގެ ތެރޭގައެވެ. މީގެ ސަބަބުން ކުއްޖާ ނަފްސާނީ އަދި ޖިސްމާނީ ބަލިތަކާ ކުރިމަތިލާން ޖެހި ކިޔެވުމާ ދީނާ ދުރުވުމުގެ އިތުރުން އާއިލީ ގުޅުން ހީނަރުވެގެންދާނެއެވެ. މީގެ ހެއްކެއްގެ ގޮތުގައި ސްކޫލަށް ނާންނަ ކުދިން ގިނައިން ހާޒިރުނުވާ އެންމެ ބޮޑު އެއް ސަބަބަކީ އިންޓަނެޓުގެ ތެރޭގައި މުޅިރޭ ހޭދަކޮށް ލަހުން ނިދުމުން ހެނދުނަށް ހޭނުލެވޭތީއެވެ. އެހެންވީމާ އިންޓަނެޓުގައި ދަރިފުޅު ހޭދަކުރާ ވަގުތު ވަކި ހައްދެއްގެ ތެރޭގައި ބަހެއްޓުމަކީ ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރަނގަޅަށްކަން ކަށަވަރު ވާނެ ކަމެކެވެ.
ރައްކާތެރި ގޮތުގައި އިންތަނެޓު ބޭނުންކުރަނެ ގޮތް ދަރިވަރުންނަށް ކިޔައިދިނުން
ދަރިފުޅު އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތަކަށް ކަން ކަށަވަރު ކުރުމަށްޓަކައި، އެ ބޭނުންކުރެވޭނެ އެންމެ ފައިދާ ހުރި ގޮތް ދަރިފުޅަށް ކިޔައި ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ދަރިފުޅަށް އިންޓަނެޓުގައި ހުރި ނުރައްކާތެރިކަން ހާމަނުވާނަމަ އެ ބޭނުންކުރާނެ ރަނގަޅު ގޮތެއް ނޭނގޭނެއެވެ. އިންޓަނެޓަކީ ކުދިންގެ ޙަޔާތް ބަރުބާދުކޮށްލާ ފަދަ ވިހަގަދަ ހަތިޔާރެކެވެ. ވީމާ މި ނުރައްކާތެރިކަން ބޮޑު ހަތިޔާރުން ސަލާމަތްވުމުގެ މަގު ދަރީންނަށް ހޯދައިދީ ދައްކައިދިނުމަކީ މައިންބަފައިން ކުރަން ޖެހޭ ކަމެކެވެ. އެގޮތުން އިންޓަނެޓުން ފެންނަ ކޮންމެ އެއްޗަކީ ބަލަން ޖެހޭ އެއްޗެއް ނޫންކަމާއި، މި ތަނުން ދިމާވާ ކޮންމެ މީހަކީ އެކުވެރިޔެއް ނޫންކަމާއި، އިންޓަނެޓުން ދިމާވާ މީހާ ބުނާ ކޮންމެ ކަމަކީ ކުރަންޖެހޭ ކަމެއް ނޫންކަމާއި އިންޓަނެޓުގައި ހުންނަ ކޮންމެ ލިންކަކީ ވަންނަން ޖެހޭ އެއްޗެއް ނޫންކަން ބުނެދިނުމަކީ ބޭނުންތެރި ކަމެކެވެ. އޭގެ އިތުރުން އިންޓަނެޓުގެ ޒަރިއްޔާއިން ދަރިފުޅުގެ ހިތް ނުރުހޭފަދަ ކަމެއް ދިމާވާނަމަ ބެލެނިވެރިޔާ ގާތު ބުނުމަށާ އެ މައްސަލައިން ދުރުވުމަށް ބުނެދޭން ޖެހެއެވެ. ހަމައެއާއެކު ދަރިފުޅުގެ ޒާތީ މަޢުލޫމާތު އިންޓަނެޓުގައި ހިއްސާކޮށްގެން ނުވާނެކަން ވެސް ދަރިފުޅަ އެނގެން ޖެހޭނެއެވެ. އެއީ ޒާތީ މަޢުލޫމާތުތަށް ޙިއްސާކުރުމުގެ ސަބަބުން އެކައުންޓުތައް ހެކްކޮށް ކުއްޖާ އިންޓަނެޓުގެ ދުނިޔޭގައި ގިނަކުރަމުން ދާކަމީ މިހާރު ވަރަށް ގިނައިން ފެންނަމުންދާ ހަޤީގަތެކެވެ. އެހެންކަމުން ކުއްޖާގެ އަބުރާ އިއްޒަތް ނުގެއްލެނީސް އިންޓަނެޓުގެ ނުރައްކަލާ ބެހޭގޮތުން ކުއްޖާ ހޭލުންތެރިކުރުމަކީ ރައްކާތެރިގޮތަކަށް އިންޓަނެޓް ބޭނުންކުރާކަން ޔަޤީންވާނެ ކަމެކެވެ.
ސިޓިން ރޫމް ފަދަ ހާމަތަނެއްގައި އިނަޓަނެޓު ބޭނުން ކުރާނެގޮތް ހަމަޖެއްސުން
ދަރިފުޅު އިންޓަނެޓު ބޭނުން ކުރަން ހާމަތަނެއް ހަމަޖެއްސުމަކީ ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރައްކާތެރިގޮތަކަށް ކަން ކަށަވަރުކޮށް ދެނެގެނެވޭނެ ކަމެކެވެ. އެއީ ދަރިފުޅު ހާމަތަނެއްގައި ހުރެ އިންޓަނެޓު ބޭނުން ކުރާނަމަ އެއިން ގޯސް މަންޒަރުތައް ބެލުމާ ކުރަން ނުޖެހޭ ކަންކަން ކުރުމުން ދުރުވާނެއެވެ. ސަބަބަކީ ގޭގައި އުޅޭ މީހުންނަށް އިންޓަނެޓުން ކުރާކަން ފެނިދާނެތީވެ ދަރިން އެކަންކަން ނުކުރާނެއެވެ. މިއާއެކު ފަސޭހަކަމާއެކު ދަރިން ކުރަމުންގެންދާ ކަންތައް ބަލައި ހެދޭނެއެވެ. ދަރިފުޅު އިންޓަނެޓު ބޭނުން ކުރަން އެކަނި ބަހައްޓާނަމަ ދަރިންނަށް އެއިން ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. އެކަނި ކޮޓަރިއެއްގައި ފޯނު ނުވަތަ ޓެބްލެޓް ދީފައި ބައިތިއްބާ ކުދިން ގިނައިން ކުރަނީ އިންޓަނެޓުގެ ޒަރިއްޔާއިން ކުރަން ނުޖެހޭ ކަންތައްތަކެވެ. ވީމާ ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ހެޔޮގޮތުގައި ކަން ކަށަވަރު ކުރުމަށް ދަރިފުޅު އިންޓަނެޓު ބޭނުން ކުރަން ހާމަ ތަނެއްގައި ބަހެއްޓުމަކީ މުހިންމު ކަމެކެވެ.
ދަރިފުޅު ބޭނުންކުރާ އިންޓަނެޓަކީ ބެލެނިވެރިންގެ އަތްދަށުގައި އޮންނަ އެއްޗަކަށް ހެދުމާއި، އިންޓަނެޓު ބޭނުން ކުރުމަށް ވަކި މިންގަޑެއް ކަނޑައެޅުމާއެކު އިންޓަނެޓު ހެޔޮގޮތުގައި ބޭނުން ކުރާނެ ގޮތް ކިޔާދިނުމުގެ އިތުރުން ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ހާމަތަނެއްގައި ކަން ބެލުމަކީ އެދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރިގޮތަކަށް ކަން ކަށަވަރު ކޮށްދޭ ކަންކަމެވެ. އެހެންކަމުން ހުރިހާ މައިންބަފައިންވެސް ދަރިފުޅު އަތަށް އިންޓަނެޓުގެ ވަސީލަތުތައް ދޭއިރު މިކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. ދަރިފުޅުގެ ރައްކާތެރި ކަމަށް ހުރިހާ ބެލެނިވެރިން މިކަންކަމަށް ސަމާލުވާށެވެ.
No comments:
Post a Comment