ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިކަން
ޔަގީންކުރަނީ ކިހިނެއް ހެއްޔެވެ؟
މި ޒަމާނުގައި އެންމެ ކުޑަ ކުއްޖާއިން
ފެށިގެން އެންމެ ދޮށީ އުމުރުގެ މީހުން އިންޓަނެޓު ބޭނުންކުރާ މިންވަރު މިވަނީ
އާއްމު ވެފައެވެ. ދަރިފުޅު އަތުގައި އެންމެ ގިނަ ވަގުތު އޮންނަނީ ފޯނާއި ޓެބްލެޓު
ފަދަ ވަސީލަތެކެވެ. އަދި މިފަދަ ވަސީލަތްތަކަކީ މީސްމީޑިޔާގެ ޕްލެޓުފޯރމުތަކަށް
މަގު ދައްކާ އެއްޗަކަށް ވުމުން، ދަރިފުޅު އެ ބޭނުން ކުރަނީ ރަނގަޅަށް ކަން
ބެލުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެހެންކަމުން ދަރިފުޅު އިންޓަނެޓު
ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ކިޔައިދީ ބެލެނިވެރިންގެ ކޮންޓުރޯލުގެ
ދަށުން ވަކި ވަގުތެއް ކަނޑައަޅައި އިންޓަނެޓު ބޭނުންކުރާނެ ހާމަތަނެއް
ހޯދައިދިނުމަކީ ބޭނުންތެރިކަމެކެވެ.
ޕޭރެންޓަލް ކޮންޓްރޯލް ގާއިމުކުރުން
ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ
ރައްކާތެރި ގޮތުގައިކަން ޔަގީންކުރުމަށް އިންޓަނެޓަކީ ބެލެނިވެރިޔާގެ ބެލުމުގެ
ދަށުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ މުހިންމުކަމެކެވެ. ނަތީޖާއެއްގެ ގޮތުން
ދަރިފުޅު ބަލާ އެއްޗެކާ، ކުޅޭ ގޭމަކީ ދަރިފުޅުގެ އުމުރާ ގުޅޭ ދީނަށް ފުށުނާރާ
ކަހަލަ އެއްޗެއްކަން ބެލެނިވެރިޔާއަށް ކަށަވަރުކުރަން ފަސޭހަވެގެންދާނެއެވެ. އަދި
މިކަންތައްތައް ސަމާލުކަމެއް ނުދެވިއްޖެނަމަ ދަރިފުޅު ނުބައިކަންކަމުގެ ތެރެއަށް
ވަދެގެންދާނެއެވެ. ޕަބްޖީ ފަދަ ގޭމުތަށް ކުޅެފައި ކުދިން އަމިއްލައަށް ދަންޖެހި
މަރުވުމަކީ މިކަމުގެ ހެއްކެކެވެ. މީގެ ސަބަބަކީ ބެލެނިވެރިންގެ ކޮންޓުރޯލު
ނެތުމުން އިންޓަނެޓުގެ ތެރެއިން ހަނގާ ކުރުމާ ކުރިމަތިލާފައި އެކަމުން
އަރައިގަންނަން ނޭނގި އިޚްތިޔާރު މިކަހަލަ ކަންތަކަށް އަރައިގަތުމެވެ.
ބެލެނިވެރިޔާގެ ކޮންޓުރޯލް ދަށުން އިންޓަނެޓު ބޭނުންކުރެވޭނަމަ މިފަދަ ކަންތަކަށް
އަރައިނުގަނެ އިންޓަނެޓު ރަނގަޅު ގޮތުގައި ބޭނުންހިފާނެކަން ކަށަވަރުކުރެވޭނެއެވެ.
އިންޓަނެޓު ބޭނުން ކުރުމުގައި ވަކި
ގަޑިތަކެއް ކަނޑައެޅުން
ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ
ރައްކާތެރި ގޮތުގައިކަން ކަށަވަރު ކުރުމަށް އިންޓަނެޓް ބޭނުން ކުރަން ވަގުތެއް
ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެކެވެ. ވަކި ވަގުތުގައި އިންޓަނެޓް ބޭނުން
ކުރުމަށް ހަދާފައި ނުވާނަމަ ދަރިފުޅުގެ އަގު ހުރި ވަގުތެއް ބޭކާރު ވެގެންދާނެވެ.
ދަރިފުޅަށް ހަމަ ނިދި ނުލިބި ކިޔެވުމަށް ސަމާލުކަން ނުދެވި ނަފްސާނީ އަދި ޖިސްމާނީ
ގޮތުން ނޭދެވޭ އަސަރުތައްކުރާތަން ފެނިގެންދާނެއެވެ. މިކަން އެނގިގެންދަނީ
ސްކޫލަށް ނާންނަ ކުދިން ގިނަފަހަރަށް ބުނަނީ ސްކޫލަށް ނާދެވެނީ ހެދުނު ހޭނުލެވޭތީކަމަށެވެ.
މިހެން މިކަންދިމާވާން މެދުވެރިވާ ސަބަބަކަށް ވަނީ ވަކި ވަގުތެއް ކަނޑައަޅާފައި
ނުވުމުން އިންޓަނެޓުގައި ރޭގަނޑު ހޭލާ ހުރެފައި ލަހުން ނިދުމުން ހެދުނު
ހޭނުލެވެނީއެވެ. އެހެންކަމުން ބެލެނިވެރިން ދަރިފުޅު އިންޓަނެޓު ބޭނުންކުރަން
ވަގުތު ކަނޑައެޅުމަކީ މުހިންމުކަމެކެވެ.
ރައްކާތެރި ގޮތުގައި އިންޓަނެޓް
ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް ބުނެދިނުން
އިންޓަނެޓު ބޭނުންކުރަނީ ރަނގަޅަށް
ކަން ޔަގީންކުރުމަށް، އެ ބޭނުންކުރާނެ ރަނގަޅުގޮތް ކިޔައިދިނުމަކީ މުހިންމު
ކަމެކެވެ. މިކަންތައް ބުނެދޭން ޖެހެނީ ދަރިފުޅަށް އެއްޗެއްގެ ނުރައްކަލެއް
ނޭނގޭނަމަ އެއިން ދުރުވުމަށް މަސައްކަތެއް ނުކުރާނެތީއެވެ. އިންޓަނެޓަކީ އޭގެ
ރަނގަޅު ގޮތުގައި ބޭނުން ނުކުރެވިއްޖެ ނަމަ އޭގެ ތެރެއަށް ގެނބި ސަލާމަތްވުން
އުނދަގޫވާ ފަދަ ބާރުގަދަ އެއްޗެކެވެ. ވީމާ އިންޓަނެޓުގެ ބާރުގައި ނުޖެހުމަށް
ކުރާނެ ކަންތައް ދަރިފުޅަށް ދަސްކޮށްދިނުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ. އޭގެ
ތެރޭގައި އިންޓަނެޓުން ދިމާވާ ހުރިހާ މީހުންނަކީ އެކުވެރިކަން ބަދަހިކުރަން ޖެހޭ
ރަނގަޅު މީހުން ނޫންކަން ދަރިފުޅު އަހުލުވެރިކުރުމަކީ ބޭނުންތެރި ކަމެކެވެ. އަދި
އިންޓަނެޓުގައި ވާހާ ލިންކުތަކާއި ވިޑިޔޯތަކަކީ ބަލަންޖެހޭ އެއްޗެއް ނޫންކަން
އެނގެން ޖެހޭނެއެވެ. އަދި ދަރިފުޅު އިންޓަނެޓުން މީހުންނާ ވާހަކަދެއްކުމުގެ ތެރޭގައި
ދަރިފުޅު ހިތްދަތި ކޮށްލާ ފަދަ އެއްވެސް އެއްޗެއް މީހަކު ބުނެފިނަމަ ބެލެނިވެރިޔާ
ގާތުގައި އެ ވާހަކަ ބުނެވޭނެކަމަށް ހިތްވަރު ދީފައިވާން ޖެހޭނެއެވެ. އޭގެ އިތުރުން
ރަހުމަތްތެރިޔާ އާ ދަރިފުޅުގެ އެއްވެސް ޒާތީ މަޢުލޫމާތެއް ޙިއްސާ ނުކުރުމަށް
ބުނެދީފައިވުމަކީ ވެސް މުހިއްމުކަމެކެވެ. ޒާތީ މަޢުލޫމާތު އިންޓަނެޓުގެ މީހުންނާ
ހިއްސާ ކުރުމުން އެކައުންޓުތައް ހެކްވެ ކުއްޖާގެ އަގު ވެއްޓާލާ ފަދަ ކަންތައް
އިންޓަނެޓަށް ދޫކޮށްލާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. ދަރިފުޅުގެ ޢަބުރާއި
އިއްޒައް ރައްކާތެރި ކުރުމަށް ކުއްޖާއަށް އިންޓަނެޓު ބޭނުންކުރާނެ ގޮތް
ބުނެދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
ސިޓިންގ ރޫމް ފަދަ ހާމަތަނެއްގައި
އިންޓަނެޓް ބޭނުންކުރާނެގޮތް ހަމަޖެއްސުން
ދަރިފުޅު އިންޓަނެޓް ބޭނުންކުރަނީ
ރައްކާތެރި ގޮތުގައިކަން ޔަގީން ކުރުމަށް ދަރިފުޅު އިންޓަނެޓު ބޭނުންކުރާނެ
ހާމަތަނެއް ހުރުމުން އެނގިގެންދާނެއެވެ. ހާމަ ތަނެއްގައި އިންޓަނެޓު ބޭނުންކުރަން
ބަހައްޓާނަމަ ދަރިފުޅު ބަލަންނުޖެހޭ އެއްޗެހި ބެލުމުން ދުރުވުމަށް
މަގުފަހިވެގެންދާނެއެވެ. އެއީ އާއިލާ މީހުން ތިބޭ ހާމަ ތަނެއްގައި ގޯސް ކަންތައް
ކުރުމަށް ލަދުގަނެ އެކަން ކުރުމަށް ޖެހިލުންވާނެއެވެ. ދަރިފުޅު އެކަނި އިންޓަނެޓު
ބޭނުންކުރުމަށް ދޫކޮށްފިނަމަ އޭގެ ބޭނުން ހިފައިގެން ކުރަން ނުޖެހޭ ކަންތައްތައް
ކުރުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ދަރިފުޅު އިންޓަނެޓު ބޭނުންކުރުމަށް
ހާމަތަނެއްގައި ބެހެއްޓުމުން ދަރިފުޅު އިންޓަނެޓުގެ ބޭނުން ރަނގަޅު ގޮތުގައި
ހިފާކަން ޔަޤީން ކުރެވޭނެއެވެ.
ދަރިފުޅު އިންޓަނެޓު ބޭނުންކުރާނަމަ
އޭގެ ކޮންޓުރޯލު ބެލެނިވެރިޔާގެ އަތުގައި ބެހެއްޓުމާއި، ވަކި މިނަކަށް އިންޓަނެޓު
ބޭނުންކުރުމަށް ކަނޑައެޅުމުގެ އިތުރުން އިންޓަނެޓު ބޭނުންކުރާނެ ރައްކާތެރިގޮތް
ކިޔައިދީ ހާމަތަނެއްގައި އިންޓަނެޓު ބޭނުންކުރުމަށް ހަމަޖެއްސުމަކީ ދަރިފުޅު
އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ކަށަވަރު ކުރުމަށް ކުރުން
މުހިންމު ކަންތައްތަކެވެ. ދަރިފުޅު އިންޓަނެޓުގެ ނުރައްކާތެރިކަމުން
ރައްކާތެރިކުރުމަށް މިކަންތަކަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.
No comments:
Post a Comment